އޭޝިއަން ގޭމްސް 2014


Admin/newsImage/noimage.png

ދެކުނު ކޮރެއާގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ އެތުލެޓިކްސްގެ 200 މީޓަރު ދުވުމުން، ގައުމީ ރެކޯޑަކާ އެކު ސެމީފައިނަލަށް ދަތުރުކޮށް އޭޝިއަން ގޭމްސްގައި އެންމެ ކާމިޔާބު އެތްލީޓަކަށް ސާއިދު ވެއްޖެ އެވެ.

އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ވެސް ސެމީ ފައިނަލުގައި ވެސް ވާދަކޮށް 100 މީޓަރުގެ އޭޝިއާގެ އެންމެ މޮޅު 15 އެތްލީޓުންގެ ތެރޭގައި ހިމެނިފައިވާ ސާއިދު އަންގާރަ ދުވަހު 200 މީޓަރު ދުވުމުން ސެމީ އަށް ދިޔައީ ދެ ވަނަ ހީޓުގައި ވާދަކޮށް 21:31 ސިކުންތުން ރޭސް ނިންމައިގެންގެންނެވެ. އޭނާ ރޭސް ނިންމީ ހީޓުގެ ހަތަރު ވަނަ އަށެވެ.

200 މީޓަރުގެ ދުވުމުގައި ކުރިން ސާއިދު ރެކޯޑް ހަދާފައި ވަނީ މިދިޔަ ޖޫން މަހު 21:36 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ޖުލައި މަހު އޮތް ކޮމަންވެލްތު ގޭމްސްގައި 200 މީޓަރު ރޭސް ނިންމީ 21:38 ސިކުންތުންނެވެ. ކޮމަންވެލްތު ގޭމްސް އާއި އަޅާބަލާއިރު މި ފަހަރު ސާއިދު ވަނީ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ. 

އޭޝިއަން ގޭމްސްގެ 200 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ބުދަ ދުވަހު ސާއިދު ދުވާއިރު މި އިވެންޓްގެ ސެމީފައިނަލަށް ދަތުރު ކުރުމާއެކު ސާއިދު ވަނީ އޭޝިއާގެ އެންމެ މޮޅު 24 ދުވުން ތެރިންގެ ތެރޭގައި ހިމެނިފަ އެވެ.

ސާއިދުގެ ކާމިޔާބީ އާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނަގެ ކޯޗު އަޙްމަދު ފާޢީލް ބުނީ މިއީ އެތްލެޓިކްސްއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި ފުރަތަމަ ފަހަރަށް އޭޝިއަން ގޭމްސްގެ ސެމީއަށް ދެވުމުން ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައިވާ ކަމަށެވެ. ސެމީފައިނަލްގައި ވެސް އެންމެ ބޮޑަށް ބަލާނީ ސާއިދުގެ ޕާސަނަލް ބެސްޓް އާކުރުމަށް ކަމަށް ވެސް ފާއިލް ބުންޏެވެ. ސާއިދު މުބާރާތުގައި ދުވަނީ އަނިޔާގައި ހުރެގެން ކަމަށާއި އެހެން ނޫން ނަމަ މިއަށް ވުރެންވެސް ބޮޑު ކުރިއެެރުމެއް ސާއިދުއަށް ހޯދޭނެ ކަމަށް ކޯޗު ބުންޏެވެ.

ސާއިދުގެ ކާމިޔާބީ އާއި ބެހޭ ގޮތުން އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ތޮލާލް ވިދާޅުވީ އޮލިމްޕިކް ގޭމްސް ނެގުމަށް ފަހު އެންމެ ބޮޑު ކުޅިވަރު ގޭމްސްއަކީ އޭޝިއަން ގޭމްސް ކަމަށާއި އެހެން ކަމުން މިފަދަ ބޮޑު ގޭމަކުން ސެމީއަށް ދެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. 

އޭޝިއަން ގޭމްސްގައި އެތްލެޓިކްސް އެސޯސިއޭޝަނުން ކަޑައެޅި ޓާގެޓަށް އާދެވިއްޖެ ކަމަށާއި ހުރިހާ އެތްލީޓުން ވެސް ކުރިއެރުން ހޯދާފައިވާ ކަމަށް ތޮލާލް ފާހަގަ ކުރި އެވެ. ސާއިދުގެ މި ކާމިޔާބުން ސައުތު އޭޝިއަން ގޭމްސްގައި މެޑަލްއެއް ލިބޭނެކަން ޔަގީން ކުރެވޭ ކަމަށް ތޮލާލް ވިދާޅުވި އެވެ.

ސެމީފައިނަލަށް ދަތުރު ކުރެވުމުން ސާއިދު ބުނީ މިއީ އޭނާގެ ދުވުމުގެ ހަޔާތުގައި ލިބިގެންދިޔަ އެންމެ ބޮޑު ކާމިޔާބު ކަމަށާއި ދުވުމުން އިތުރު ކުރިއެރުންތައް ހޯދުމަށް އަބަދު ވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ސާއިދު އާއި ބެހޭ ގޮތުން ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަދި އޮލިމްޕިކް ކޮމެޓީގެ އެމްބެސެޑަރ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ސާއިދުގެ ކާމިޔާބަށް ފަހުރުވެރިވާ ކަމަށާއި އެކަމަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ.

އޭޝިއަން ގޭމްސްގެ ކުޅިވަރު އިވެންޓަކުން ސެމީއަށް ދަތުރު ކުރި ފުރަތަމަ ދިވެހި އެތްލީޓަށް ސާއިދު ވެފައިވާއިރު އޭނާ ވަނީ މިދިޔަ އަހަރު އިންޑިއާގެ ޕޫނޭގައި އޮތް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކޮށް އޭޝިއާގެ އެންމެ މޮޅު ނުވަ ދުވުންތެރިންގެ ތެރޭގައިވެސް ހިމެނިފަ އެވެ.

އަންގާރަ ދުވަހު ރާއްޖޭގެ އެތްލީޓުން ދުވި އެހެން އިވެންޓްތަކަށް ބަލާއިރު 200 މީޓަރު އިވެންޓުގައި ރާއްޖޭގެ ހުސެއިން އިނާޝް ވަނީ 22.66 ސިކުންތުން ރޭސް ނިންމައި އޭނާގެ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ.