އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ޗައިނާގެ ވޫހާންގައި ޖޫންމަހުގެ 3ން 7އަށް ބާއްވާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމް އިތުރު ތަމްރީންތަކަށް ޗައިނާ އަށް ފުރައިފިއެވެ.

ޗައިނާ އަށްފުރި ގައުމީ ޓީމްގައި ހިމެނެނީ އެންމެ ފަހުން ބޭއްވުނު ސަައުތު އޭޝިއަން ގޭމްސްގައި ލޯމެޑަލް ހޯދި ޓީމްގެ ޢަލީ ޝަރީފް އާއި ހުސައިން ޙަލީމް، ފާއިތުވި އަހަރުގެ ރާއްޖޭގެ 800މ ދުވުމުގެ ގައުމީ ޗެމްޕިއަން އަޙްމަދު ޙުސައިން، މިއަހަރުގެ މަކީޓާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގެ 100މ ދުވުމުގެ 2 ވަނަ ނުޖޫމް ޙަސަން، ފާއިތުވި އަހަރުގެ އަންހެން 100މ، 200މ، ލޯންގް ޖަމްޕް ޗެމްޕިއަންް އަފާ އިސްމާޢީލް، ފާއިތުވެ ދިޔަ އަހަރުގެ ރާއްޖޭގެ އަންހެން 400މ، 800މ ދުވުމުގެ ގައުމީ ޗެމްޕިއަން އާމިނަތު ނަޒްރާއެވެ. އަންހެން އެތުލީޓުންގެ ކޯޗަކީ އަޙްމަދު ޢަޒީލް އެވެ. އަދި ފިރިހެން ޓީމްގެ ކޯޗަކީ ސައުތު އޭޝިއަން ގޭމްސްއިން ރާއްޖެއަށް މެޑަލް ހޯދައި ދިން ކޯޗް އަޙްމަދު ފާޢިލް އެވެ.

ރާއްޖޭގެ އެންމެ ބާރު ދުވުން ތެރިޔާ އަދި ރާއްޖޭގެ 100މ، 200މ، 400މ އަދި 400މ ރިލޭ ރިކޯޑް ދަމަހައްޓަމުން އަންނަ ޙަސަން ސާޢިދު، މި ޓީމްގައި ހިމެނިފައިވީނަމަވެސް ސާއިދު ޓީމާއި ގުޅޭނީ ޖެމެއިކާއިން އެނބުރި އައުމަށްފަހު މިމަހުގެ 24ވަނަ ދުވަހުއެވެ.

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނީ ފިރިހެނުންގެ 100މ، 200މ، 800މ، 1500މ އަދި 100މ ރިލޭގައެވެ. އަންހެން އެތުލީޓުން ވާދަކުރާނީ 100މ، 200، އަދި 400މ ދުވުމުގައެވެ.

ފިރިހެނުންގެ 100މ ދުވުމުގައި ވާދަކުރާނީ ޙަސަން ސާޢިދުއާއި ޙުސައިން ޙަލީމް އެވެ. 200މ ދުވުމުގައި ވާދަކުރާނީ ޙަސަން ސާޢިދު އާއި ނުޖޫމް ޙަސަން އެވެ. 800މ އަދި 1500މ ދުވުމުގައި ވާދަކުރާނީ އަޙްމަދު ޙަސަން އެވެ. އަންހެނުންގެ 100މ އަދި 200މ ދުވުމުގައި ވާދަކުރާނީ އަފާ އިސްމާޢީލް އެފެ. ނަޒްރާ ވާދަކުރާނީ 200މ އަދި 400މ ދުވުމުގައެވެ.