އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ޗައިނާގެ ވޫހާންގައި މިހާރު ކުރިޔަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެތުލީޓުން ރަނގަޅު ނަތީޖާ ތަކެއް ހޯދައިފިއެވެ.

މުބާރާތުގެ ފުރަތަމަ ދުވަހު އަންހެނުންގެ 100މ ދުވުުމުގެ 4 ވަނަ ހީޓްގައި ވާދަކުރީ އަފާ އިސްމާޢީލް އެވެ. 6 އެތުލީޓުންނާއެކު ވާދަކޮށް އަފާ ދުވުން ނިންމާފައިވަނީ 12.96 ސިކުންތުން 6 ވަނަ އަށެވެ. މިއީ މިސީޒަންގައި އަފާ ދުވެފައިވާ އެންމެ ބާރު ދުވުމެވެ.

ފިރިހެނުންގެ 100މ ދުވުމުގެ 1 ވަނަ ހީޓްގައި ވާދަކުރީ ޙަސަން ސާޢިދުއެވެ. 7 އެތުލީޓުންނާއެކު ވާދަކޮށް 10.68ސިކުންތުން ސާޢިދު 3 ވަނަ އަށް ދުވުން ނިންމައި ވަނީ ސެމީއަށް ކޮލިފައިވެފައެވެ. 

ފިރިހެނުންގެ 100މ ދުވުމުގެ 2ވަނަ ހީޓްގައި ވާދަކުރީ ޙުސައިން ޙަލީމް އެވެ. 7 އެތުލީޓުންނާއެކު ވާދަކޮށް 11.01ސިކުންތުން ޙަލީމް ދުވުން ނިންމާފައިވަނީ 6 ވަނަ އަށެވެ. މިއީ ޙަލީމްގެ މިސީޒަންގައި ދުވުނު އެންމެ ބާރު ދުވުމެވެ.

އަންހެނުންގެ 400މ ދުވުމުގެ 1 ވަނަ ހީޓްގައި ވާދަކުރީ އާމިނަތު ނަޒްރާއެވެ، 7 އެތުލީޓުންނާއެކު ވާދަކޮށް 1މިނިޓް 5.84ސިކުން ނަޒުރާ ދުވުން ނިންމާފައިވަނީ 7 ވަނަ އަށެވެ. މިއީ ނަޒުރާ ބައިނަލް އަގުވާމީ މުބާރާތެއްގައި ވާދަކުރ ިފުރަތަމަ ފަހަރެވެ.

މެންދުރު ފަހު 100މ ދުވުމުގެ ސެމީފައިނަލްގައި 7 އެތުލީޓުންނާއެކު ސާޢިދު ވާދަކޮށް ދުވުން ނިންމާފައިވަނީ 10.50ސިކުންތުން 4 ވަނަ އަށެވެ. މިއީ ރާއްޖޭގެ ގައުމީ ރިކޯޑާ އެއްވަރުގެ ވަގުތެކެވެ. އަދި މިއީ ސާޢިދު މިސީޒަންގައި މިވަގުތަށް ދުވުނު 2 ވަނަ ފަހަރެވެ. އަދި ސެމީފައިނަލްގައި ދުވުނު ސައުތު އޭޝިއާގެ އެންމެ ބާރު ދުވުންތެރިއަކީވެސް ސާޢީދު އެވެ.

ފިރިހެނުންގެ 1500މ ދުވުމުގައި އަޙްމަދު ޙަސަން ވާދަކޮށް ދުވުން ނިންމާފައިވަނީ 4މިނިޓް 11.37 ސިކުންތުން ވާދަކުރި 14 އެތުލީޓުންގެ ތެރެއިން 12 ވަނަ އަށެވެ.

ރާއްޖޭގެ އެތުލީޓުން މާދަމާ ވާދަކުރާނީ ފިރިހެނުންގެ 100މ ރިލޭގައެވެ. ރިލޭގައި ވާދަކުރާ ޓީމުގައި ހިމެނެނީ ނުޖޫމް ޙަސަން، ޙުސައިން ޙަލީމް، ޢަލީ ޝަރީފް އަދި ޙަސަން ސާޢިދު އެވެ.