އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް


Admin/newsImage/noimage.png

ޗައިނާގެ ވޫހާންގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ދުވެ އޭޝިއާގެ 12 ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާގެ މަގާމް ރާއްޖޭގެ ހަސަން ސާއިދު މިއަދު ހޯދައިފި އެވެ.

ސާއިދު ސެމީ ފައިނަލުން ޖާގަ ހޯދީ މިއަދު ހެނދުނު ފުރަތަމަ ބުރުގައި 10.68 ސިކުންތުން ރޭސް ނިންމައި ހީޓުގެ ތިން ވަނަ ހޯދައިގެންނެވެ.

ސެމީ ފައިނަލުގައި މިއަދު މެންދުރު ފަހު ދުވެ އޭނާ ރޭސް ނިންމީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި 100 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހެދުމަށް ދުވި ޓައިމިންއާ އެއްވަރަށް 10.50 ސިކުންތުންނެވެ. ސެމީގައި އޭނާ ހީޓުގެ ހަތަރު ވަނަ އަށް ދިޔައިރު އެންމެ ބާރު އަށް ދުވުންތެރިންގެ ތެރޭގައި ނުހިމެނޭތީ ފައިނަލުން ޖާގައެއް ނުލިބެ އެވެ.

އެކަމަކު ސެމީ ފައިނަލުގައި ދުވި ޓައިމިން އަށް ބަލާއިރު އޭނާ އަކީ ބިޔަ އޭޝިއާގެ 12 ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާ އެވެ.

ސާއިދު ވަނީ 2013 ވަނަ އަހަރު އިންޑިއާގެ ޕޫނޭގައި އޮތް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކޮށް އޭޝިއާގެ ގަދަ ނުވަ ދުވުންތެރިންގެ ތެރޭ ހިމެނިފަ އެވެ. އެކަމަކު އެންމެ ބާރު ދުވުންތެރިޔާގެ ނަން ލިބޭނީ 100 މީޓަރުން ވަނަ ހޯދާ ދުވުންތެރިންނަށެވެ.

ސާއިދުގެ ރަސްމީ އިވެންޓަކީ 200 މީޓަރު ދުވުމެވެ. ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި އޭނާ ތަމްރީން ހަދާއިރު ހާއްސަވެފައިވަނީ ވެސް 200 މީޓަރު ދުވުމަށެވެ. މި ފަހަރުގެ ޗެމްޕިއަންޝިޕުގައި އޭނާ 200 މީޓަރު ރޭހުގައި ހޮނިހިރު ދުވަހު ދުވާނެ އެވެ. އެ އިވެންޓުން އޭނާ ފައިނަލަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ 100 މީޓަރު ދުވުމުގެ ހާއްސަ ތަމްރީންތަކެއް ސާއިދު ނަހަދާ ވެސް، 100 މީޓަރުގެ އިވެންޓުގައި އޭނާ މީގެ އަހަރެއްހާ ދުވަސް ކުރިން ދުވި ޓައިމިން އަށް މި ފަހަރު ރޭސް ނިންމުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ.

"މިއީ ވަރަށް ރަނގަޅު ޓައިމިންއެއް. އޭނާ މިދިޔަ އެއް އަހަރު ތެރޭ 100 މީޓަރުގެ ސްޕެސިފިކް ތަމްރީނެއް ނަހަދައި ވެސް މިވަރުގައި ހިފެހެއްޓުމަކީ ބޮޑު ކާމިޔާބެއް. އެކަމަކު ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކުރިން އޭނާ 100 މީޓަރުގެ ހާއްސަ ތަމްރީން ހަދާނެ. އެއާ އެކު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މި ޓައިމިން ފަހަނަޅައި ގޮސް ރިހި ނޫނީ ރަން މެޑަލެއް ހޯދާނެ. އެކަމަކު ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް،" ތޮލާލް ވިދާޅުވި އެވެ.