އައި އޭ އޭ އެފް ސްކޮލަރޝިޕް


Admin/newsImage/noimage.png

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަން (އައިއޭއޭއެފް) ގެ ޓްރެއިނިން ސްކޮލާޝިޕް ލިބިއްޖެ އެވެ.

މި ސްކޮލަޝިޕަށް ސާއިދު ކޮލިފައިވީ، މިދިޔަ އަހަރުގެ ޖޫން މަހު ޖެމެއިކާގައި ޖޭއޭއޭ ޑިވެލޮޕްމަންޓް މީޓުގެ 400 މީޓަރުގެ ދުވުމުގައި 48:47 ސިކުންތުން ރޭސް ނިންމުމުންނެވެ. މި ވަގުތަކީ އައިއޭއޭއެފްގެ ޓްރެއިނިން ސްކޮލަޝިޕަށް ކޮލިފައިވާ ޓައިމިން އެކެވެ.

ސާއިދު މި ސްކޮލަޝިޕަށް ކޮލިފައިވުމުން، އެތުލެޓިކްސް އެސޯސިއޭޝަނުން މިދިޔަ އަހަރު އެ ސްކޮލަޝިޕަށް އެޕްލައިކުރި އެވެ. އަދި އޭނާ އަށް ސްކޮލަޝިޕް ލިބުނުކަން ރަސްމީކޮށް އެންގީ އިއްޔެ އެވެ.

ސާއިދަށް މި ސްކޮލަޝިޕް ލިބުނު އިރު އޭނާ އައީ އޮލިމްޕިކް ކޮމެޓީގެ ހަރަދުގައި ޖެމެއިކާގައި ޓްރެއިނިން ސްކޮލަޝިޕެއް ފުރިހަމަކުރަމުންނެވެ. އައިއޭއޭއެފްގެ ސްކޮލަޝިޕް ވެސް ސާއިދު ފުރިހަމަކުރާނީ ޖެމެއިކާގަ އެވެ.

މި ސްކޮލަޝިޕުގެ މުއްދަތަކީ މި އަހަރުގެ މާޗު މަހުން ފެށިގެން ދެ އަހަރުގެ މުއްދަތެވެ. އެކަމަކު އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެ އެވެ.

އޮލިމްޕިކް ކޮމެޓީގެ ސްކޮލާޝިޕުގެ ދަށުން ޖެމެއިކާގައި ސާއިދު މިދިޔަ ދުވަސްތަކުގައި ހެދި ތަމްރީންތަކާ އެކު އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގެ 400 މީޓަރުގެ ދުވުމުގެ ގައުމީ ރެކޯޑް އެއް މަސް ތެރޭ ތިން ފަހަރަށް މުގުރާލައި އަދި 100 މީޓަރުގެ ރެކޯޑް މުގުރައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރުކުރި އެވެ.