އޭޝިއަން އެތުލެޓިކް ޔޫތު ކޭމްޕް


Admin/newsImage/noimage.png

ގަތަރުގެ ދޯހާގައި މިމަހުގެ 1ން 14އަށް ކުރިޔަށް ގެންދާ އޭޝިއަން އެތުލެޓިކް ޔޫތު ކޭމްޕްގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ 2 އެތުލީޓުންނާއި ކޯޗް ގަތަރަށް މިއަދު ފުރައިފިއެވެ.

ރާއްޖެއިން މި ކޭމްޕްގައި ބައިވެރިވަނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދެ އެތުލީޓުންކަމަށްވާ ޝަރަފް ނަޞީރު އާއި ލަމްހާ ލުޠުފީ އެވެ. މި ދެ އެތުލީޓުންނާއެކު ކޯޗެއްގެ ގޮތުގައި މިކޭމްޕްގައި ބައިވެރިވާނީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެތުލެޓިކްސް ކޯޗް މަރްޔަމް ޢަބްދުލް ޤާދިިރުއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ކައުންސިލް އޮފް އޭޝީއާ އާއި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަނުން ރާއްޖޭއަށް ފުރުޞަތު ދީފައިވާ މިކޭމްޕަށް އެތުލީޓުން ހޮވާފައިވަނީ ރާއްޖޭގައި މިއަހރު ބޭއްވުނު އެތުލެޓިކްސް މުބާރާތްތަކުގެ ނަތީޖާ ތަކަށް ބެލުމަށްފަހުއެވެ.

ޝަރަފް ނަޞީރު ވަނީ މިއަހަރު ފުވައްމުލަކުގައި ބޭއްވުނު ދިރާގު އެޓޯލް އިންޓަރސްކޫލް އެތުލެޓިކްސް މީޓްގެ 17އަހަރުން ދަށުގެ ފިރިހެން ކުދިންގެ 400މ، 800މ ދުވުމުން ރަން މެޑަލް އާއި 200މ ދުވުމުން ރިހި މެޑަލް ހޯދާފައެވެ. މީގެ އިތުރުން މާލޭގައި ބޭއްވުނު މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝީޕްގެ 10ކޭ ކެޓަގަރީން 1 ވަނަ ހޯދާފައެވެ.

ލަމްހާ ލުޠުފީ ވަނީ ފުވައްމުލަކުގައި ބޭއްވުނު ދިރާގު އެޓޯލް އިންޓަރސްކޫލް އެތުލެޓިކްސް މީޓްގެ 17އަހަރުން ދަށުގެ އަންހެން ކުދިންގެ 800މ ދުވުމުން ރަންމެޑަލް، 1500މ ދުވުމުން ލޯމެޑަލް އަދި 300މ ދުވުމުން ރިހި މެޑަލް ހޯދާފައެވެ. މީގެ އިތުރުން މިއަހަރު މާލޭގައި ބޭއްވި މޯލްޑިވިއަން ހާފްމެރަތަން ޗެމްޕިއަންޝިޕްގެ 10ކޭ ކެޓަގަރީން 1ވަނަ ހޯދާފައެވެ.