ޓޯކިޔޯ އޮލިމްޕިކްސް


Admin/newsImage/noimage.png

އަންނަ މަހު ޖަޕާނުގެ ޓޯކިޔޯގައި ފަށާ އޮލިމްޕިކްސްގައި އެތުލެޓިކްސް އިވެންޓުގައި ވާދަކުރާނެ އެތުލީޓަކަށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހޮވިއްޖެ އެވެ.

ސާއިދަށް މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބުނީ ދާދި ފަހުން ބޭއްވި ޓައިމް ޓަރަަޔަލްތަކަށް ފަހު އެވެ. އެންމެ ފުރަތަމަ އަންހެން ތިން އެތުލީޓުންނާއި ފިރިހެން ތިން އެތުލީޓުންނާ އެކު ޓައިމް ޓްރަޔަލް ބާއްވަން އެތުލެޓިކްސް އެސޯސިއޭޝަން އިން ނިންމި ނަމަވެސް ޓްރަޔަލްތަކުގައި ބައިވެރިވީ ސާއިދުގެ އިތުރުން އަންހެން ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަން އެވެ.

މީގެ ކުރިން 2008، 2012 އަދި 2016 ވަނަ އަހަރު އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ އަންހެން އަދި ފިރިހެން އެތުލީޓަކަށް ލިބެ އެވެ. އެކަމަކު މި ފަހަރު ޖާގަ ލިބުނީ އެންމެ އެތުލީޓަކަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެރެޓްރީ އަހްމަދު މުންތަގިމް މިއަދު "އަދަދު" އަށް ވިދާޅުވީ އޮލިމްޕިކްސްގެ އެތުލެޓިކްސް އިވެންޓަކީ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ ހަރަކާތް ކަމަށާއި މި ފަހަރުގެ އޮލިމްޕިކްސް ކުރިއަށް ގެންދަނީ ޕެންޑެމިކެއްގެ ތެރޭގައި ވަރަށް ބޮޑަށް ކަންކަމަށް ބަލައިގެން ޖާގަ ވެސް ކުޑަކޮށްގެން ކަމަށެެެވެ.

"ސީދާ ސަބަބެއް ނެތް އަންގާފައެއް. ދެން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ އާއި ޖަޕާނުގެ އޮލިމްޕިކް ކޮމިޓީ މަޝްވަރާކޮށްފައި މި ކޮޅަށް އަންގާފައި އޮތީ އޮލިމްޕިކްސް އަށް ކޮލިފައިނުވާ ގައުމުތަކަށް މި ފަހަރު އޮތީ އެންމެ ސްލޮޓެއް ކަމަށް،" މުންތަގިމް ވިދާޅުވި އެވެ.

މިއީ ސާއިދު އޮލިމްޕިކްސްގައި ވާދަކުރާނެ ދެ ވަނަ ފަހަރެވެ. އޭނާ ވަނީ 2016 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ރިއޯ އޮލިމްޕިކްސްގައި ވެސް ވާދަކޮށްފަ އެވެ. އެ ފަހަރު އޭނާ ވަނީ 100 މީޓަރުގެ ދުވުމުގެ ސެމީ ފައިނަލަށް ނުހޮވުނު ނަމަވެސް ތާރީހީ ކާމިޔާބެއް ހޯދައިފަ އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ކަމަށްވާ ސާއިދުގެ ފުރަތަމަ އޮލިމްޕިކްސްގައި އޭނާ 2016 ވަނަ އަހަރު ފުރަތަމަ ބުރުން ޖާގަ ހޯދީ، ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައިގެންނެވެ. އެ ބުރުގައި ވާދަކުރި 22 ދުވުންތެރިންގެ ސާއިދު އެއްް ވަނަ ހޯދީ 10.43 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު ކުޅުންތެރިޔާ އެވެ. އެ ފަހަރުގެ އޮލިމްޕިކްސްގެ ފުރަތަމަ ބުރުގެ ފަސް ވަނަ ހީޓުގައި ވާދަކޮށް ސާއިދު އަށް ވަނަ އަށް ދިޔައިރު އޭނާ ރޭސް ނިންމީ 10.47 ސިކުންތުންނެވެ. ރަނގަޅު ވަނައެއްގައި ނުނިންމުނީތީވެ ސާއިދު ސެމީ ފައިނަލަށް ނުހޮވުނެވެ.

ފުރަތަމަ އޮލިމްޕިކްސްގެ ތަޖުރިބާ އަށް ބަލާއިރު، ސާއިދު ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ގޭމްސް، އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ދިވެހި ދެ ވަނަ އެތުލީޓަށެވެ. މީގެ ކުރިން އެކަން ހާސިލްކޮށްފައިވަނީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގެ ފުރަތަމަ ބުރުން ޖާގަ ހޯދި އަޒްނީމް އަހުމަދު (އައްޒަ) އެވެ.

އަންނަ މަހުގެ 23 ވަނަ ދުވަހު ފަށާ އޮލިމްޕިކްސް އިން ރާއްޖެ އަށް ލިބިފައިވަނީ ތިން ކުޅިވަރުގެ ފުރުސަތުތަކެވެ. އެއީ އެތުލެޓިކްސްގެ އިތުރުން ސްވިމިން އާއި ބެޑްމިންޓަން އެވެ. ސްވިމިން އިން އޮލިމްޕިކްސްގައި ވާދަކުރަނީ އައިޝަތު ޝައުސަން އާއި އަލީ އިމްއާން އަދި ބެޑްމިންޓަން އިން ފުރުސަތު ލިބުނީ ފާތިމަތު ނަބާހާ އަށެވެ. ނަބާހާ އަކީ އޮލިމްޕިކްސްގައި ވާދަކުރާ ދިވެހި ދެ ވަނަ ކުޅުންތެރިޔާ އެވެ.